މީހަކު ގެނބެނިކޮށް ސަލާމަތްކުރި އުމުރުން ހަތް އަހަރުގެ ހުދު އަހެއް، އޭގެ ހަ ދުވަސް ފަހުން މަރުވެއްޖެއެވެ.
ސައުތު ޗައިނާ ޕޯސްޓުގައި ޝާއިޢު ކޮށފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ”ބައިލޮންގް“ ނަމަކަށް ކިޔާ އެ އަސް މަރުވެފައިވަނީ ގެނބެމުންދިޔަ މީހާ ސަލާމަތް ކުރުމަށްފަހު ވަރަށް ބޮޑަށް ބަލިވެގެންނެވެ.
ބައިލޮންގް ކުރިން ގެންގުޅުނު ޔިލިބައި މައުލޫމާތު ދީފައިވާ ގޮތުގައި އެ އަހަކީ މީގެ ކުރިން ދުވަހަކުވެސް ފެނަށް އެރުނު އަހެއް ނޫނެވެ. ނަމަވެސް އެދުވަހު މީހަކު ގެނބެމުންދާ މަންޒަރު ފެނުމާއެކު، ފަސްޖެހުމެއް ނެތި ބައިލޮންގް މޫދަށް ފުންމާލާފައި ގޮސް، ފުދޭ ވަރަކަށް ފުނަސް ގޮސް އެމީހާ ސަލާމަތް ކުރި ކަމަށް ޔިލިބައި ބުނެފައިވެއެވެ.
ނަމަވެސް އޭގެ ހަ ދުވަސް ފަހުން ކުއްލިއަކަށް ބައިލޮންގްގެ ހާލުދެރަވި ކަމަށް ޔިލިބައި ބުންޏެވެ. އެގޮތުން އެ ދުވަހު އެއްވެސް އެއްޗެއް ނުކައި ކަމަށާއި އަސް އޮތީ ވަރަށް ބޮޑަށް ހުން އައިސްފައި ކަމަށް ވެސް ބުންޏެވެ.
ބައިލޮންގް ސަލާމަތް ކުރެވޭތޯ ފަރުވާ ދިނުމަށް ޖަނަވާރުންނަށް ފަރުވާ ޑޮކްޓަރުންތަކެއް ވެސް ގެންދިޔަ ކަމަށާއި ނަމަވެސް ބައިލޮންގްގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ޔިލިބައި ބުނެފައިވެއެވެ.
މި ހާދިސާގެ ޚަބަރު އިވުމުން، ބައިލޮންގް ސަލާމަތް ކުރި މީހާވެސް ހުރީ ވަރަށް ދެރަވެފައި ކަމަށާއި މިއީ އޭނާގެ ސަބަބުން ދިމާވި ކަމެއްކަމަށް އެމީހާ ބުނާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.




