މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ސަރުކާރުން ރައްޔިތުންނަށްދޭ ރޯދަ ހަދިޔާ (މަސްދަޅުކޭސް) ބެހުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން، ދޫކުރާ ޓޯކަން ނަންބަރުތަކުގެ އަދަދު މިރެއިން ފެށިގެން އިތުރުކޮށްފިއެވެ.
މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ދިގު ކިޔުއެއްގައި ނުތިބެ ރައްޔިތުންނަށް ފަސޭހަކަމާއެކު މަސްދަޅުކޭސް ލިބޭނެ އިންތިޒާމުތަކެއް ސިޓީސް އެންޑް ލޯކަލް ގަވަނަންސް މިނިސްޓްރީން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.
އެގޮތުން މަސްދަޅުކޭސް ބެހުން ހަމައެކަނި ރޭގަނޑުގަޑިއަށް ބަދަލުކުރުމުގެ އިތުރުން ޓޯކަން ނަންބަރު ދޫކޮށްގެން މަސްދަޅުކޭސް ބެހުމަށްޓަކައި ”ރޯދަ ހަދިޔާ“ ގެ ނަމުގައި ޚާއްސަ ޕޯޓަލެއް ވެސް އިއްޔެ ވަނީ އެ މިނިސްޓްރީން ތަޢާރަފުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ސިޓީސް އެންޑް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ ހަދިޔާ ދޫކުރުން ރޭގައި ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށް ގެންދެވުނު ކަމަށެވެ.
އެހެންކަމުން ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަދު ހަވީރު 6:00 ގައި ޓޯކަން ނަންބަރު ދޫކުރަން ފެށުމުގެ ކުރިން ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
މަސްދަޅުކޭސް ބެހުމަށް ގެންނަން ނިންމާފައިވާ ބަދަލުތައް:
- ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރުން.
- މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީޚަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީޚު (އަވަސްކޮށް) ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުން.
- ޓޯކަން ނެގުންފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
މީގެއިތުރުން މިއަދު ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިޔަށްގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
”ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ“ މިނިސްޓަރު އާދަމް ޝަރީފު ޔަގީންކަން ދެއްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް މަސްދަޅުކޭސް ލިބެންދެން އެ މަސައްކަތް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.




