ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް، ޝުޖާޢު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް ޔާމީން ހިންގަވާ ޕީއެންއެފްގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއްގައި، އެ ޕާޓީގެ މެންބަރުން ހަމައަކަށް އަޅުވަން ޖެހޭނީ އެ ޕާޓީއެއްގެ ތެރޭގައި ހުރި ނިޒާމުގެ ތެރެއިން ކަމަށާއި ޤާނޫނުއަސާސީގެ ތެރެއަށް ވަދެގެން ޤާނޫނުތަކުގެ ތެރެއިން ނޫން ކަމަށެވެ.
”ބޮޑޭކޯއާއި ބާރަށު މައިކަށް (މެންބަރު ޝުޖާޢުއަށް) ރައްޔިތުން ކުރި އިތުބާރު މިއަދު ނަގާ އެތިބީ ދިމްޔާދު ޖީބަށްލާފަ. ރައްޔިތުންނަށް ޚިޔާނާތްތެރިވެފަ“ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވާ ވީޑިއޯ ކްލިޕެއް ”އެކްސް“ ގައި ހިއްސާ ކުރައްވަމުން މެންބަރު ޝުޖާޢު ވިދާޅުވީ، ރައީސް ޔާމީނަށް މިވަގުތު ގޭ ސިޓިންގް ރޫމުގައި މައިކު ހިފައިގެން ދޮގު ހަދަން އިނދެވެނީ ”ބާރަށު މައިކުމެން“ ކުރި މަސައްކަތުން ކަމަށާއި އެ މަސައްކަތް ނުކުރެއްވިނަމަ އަދިވެސް އިދިކޮޅު އެމްޑީޕީން ރައީސް ޔާމީން ބާއްވާނީ ޖަލުގައި ކަމަށެވެ.




