ހިދާޔަތުގެ މަގުގައި އަބަދުވެސް ލެއްވުމަށާއި ހިތަށް ސާބިތުކަންދެއްވާތޯ ތާއަބަދު ދުޢާކުރަންޖެހޭކަމަށް އައްޝެއިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު މިހެން ވިދާޅުވީ، މަލޭގައި ރޭގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރޭގެ ފޯރަމް ޚާއްސަ ކޮށްފައިވަނީ ”އިސްލާމްދީން މަތީ ޘާބިތުވާށެވެ!“ މި މަޢުޟޫގެ މައްޗަށެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން ޝެއިޚް ސަމީރު ވިދާޅުވީ އިސްލާމްކަން މަތީގައި އަބަދުވެސް ދެމިތިބޭތޯ ދުޢާކުރަންޖެހޭ ކަމަށާއި އިސްލާމް ދީނާމެދު އެކިއެކި ޝުބުހާތައް ފަތުރާއިރު ގިނަގިނައިން ދުޢާކުރަންވީ މި ނިޢުމަތުގެ މަތީގައި ސާބިތުވެ ދެމިތިބޭތޯ ކަމަށެވެ.
ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއްކަން ފާހަގަކުރައްވައި ޝައިޚް ވިދާޅުވީ، އަހަރެމެންގެ ހިތް އިސްލާމްދީނުގެ މަތީގައި ދަމަހައްޓަވާ ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރަން ޖެހޭކަމަށެވެ.
”ހިތަށް މި ނަން ދެވިފައިވަނީވެސް ހިތަކީ އެކިއެކި އޮއިވަރުތަކާއެކު ފުރޮޅޭ އެއްޗެއްކަމަށްވާތީ. ކިހާވަރަކަށް މި ހިތް ފުރޮޅޭތީދޯ ނަބިއްޔާ ސ.އ.ވ އެ ހިތް ސިފަކުރައްވާފައިވަނީ ސަހަރާއެއްގެ ތެރޭގައި ހުންނަ ގަހެއްގައި އެލުވިފައި އިންނަ ފަތެއްގެ ސިފައިގައި. ދޫނި ފަތެއް ފަދަ އެއްޗެއްގެ ގޮތެއްގައި. އެޖެހޭ ވަޔާއެކު އެފުށް މިފުށަށް އެނބުރޭ އެއްޗެއްގެ ގޮތުގައި“ ޝެއިޚް ވިދާޅުވިއެވެ.
މީގެއިތުރުން ކެތްތެރިކަމުގެ މަގަކީ ދީނުގައި ސާބިތުވެ ދެމިތިބެވޭނެ މަގުކަމަށް ޝެއިޚް ވަނީ ވިދާޅުވެފައެވެ.



