ހިމާޔަތްކޮށްފައިވާ ތަނަކަށް ވަނުމުން ސޮނޭވާފުށީގެ ބައެއް މުވައްޒަފުން ވަނުމުން، ބޮޑު އަދަދަކުން އެ ރިސޯޓު ޖޫރިމަނާކޮށްފިއެވެ.
މިދިޔަ ޑިސެމްބަރުގައި ސޮނެވާ ފުށި ރިސޯޓުގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާ އެކު، ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އެ ތަނުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންދިޔަ މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލައި، އެ ރިސޯޓު 448،375 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 18 ޑިސެމްބަރުގައި ސޮނެވާ ފުށީގެ މުވައްޒަފުންނާއި ފަތުރުވެރިންނާ އެކު ޖުމްލަ 10 މީހުން ބ. ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6ގެ ފަހުން ވަދެފައިވާ ކަމަށެވެ.
އެކަން ކުރީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަ ނުހޯދާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އީޕީއޭއިން ބުނީ، ނެލިވަރަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިއަށް ގެންގޮސްފިނަމަ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ސޮނެވާ ފުއްޓަށް 11 ޖޫން 2024ގައި ސިޓީއެއް ފޮނުވި ކަމަށެވެ.
އެގޮތުން ސޮނޭވާ ފުށިން ގަވާއިދާ ޚިލާފަށް ކުރި ކަންތައްތަކުގެ ގޮތުގައި އީޕީއޭއިން ފާހަގަކޮށްފައިވަނީ:
° ގަވާއިދާ ހިލާފަށް އެ ތަނަށް ވަނުން، އެކަމަށް އެ މީހުން އިއުތިރާފްވި
° އަލިވާ ގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
° އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަވާ ފަދައިން އަމަލުކުރުން
° އަލިފާން ރޯކުރުމާއި ގެންގުޅުން، އެކަމަށް އެ މީހުން އިއުތިރާފްވި
° ބަޔޯސްފިއަ ރިޒާވް އޮފީސްގެ މަންދޫބުންނާއި ފުލުހުން އެ ދުވަހު ބ. ނެލިވަރަށް ގޮސް، ސޮނެވާ ފުށީގެ މުވައްޒަފުން ފަތުރުވެރިންނާ އެކު އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގި އެންގުމާ ހިލާފުވެ، އެ ފަރާތްތަކަށް އެއްބާރުލުން ދީފައެއް ނުވޭ




