ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު މެލޭޝިއާގެ ޕުޓުރާޖާޔާގައެވެ.
ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ޤައުމުގެ ލީޑަރުން އެކުގައި މެލޭޝިއާގެ، ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.




