ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕެއިނެއް މޯލްޑިވްސް މާކެޓިންގް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފިއެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައި، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އެވެ.
ދުބާއީގެ މަގުމަތީގައި ދުއްވާ 200 ޓެކްސީއެއްގައި މިކެމްޕެއިނުގެ ދަށުން ރާއްޖޭގެ އިސްތިހާރު ކުރާނެއެވެ. މި ޓެކްސީތަކުގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދިޔުމުގެ އިތުރުން ލިވަޕޫލްއާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން، ޓެކްސީ ތަކުގައި ލިވަޕޫލް ކޯބްރޭނޑިންވެސް ފެނިގެންދާނެއެވެ.
މި ކެމްޕެއިން ކުރިއަށްގެންދާނީ އެއް މަސް ދުވަހުގެ މުއްދަތައް ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. އެމްއެމްޕީއާރްސީން މި ކެމްޕެއިން ކުރިއަށް ގެންދަނީ، މިހާރު ކުރިއަށްދާ އަރޭބިއަން ޓްރެވެލް މާކެޓާއި ގުޅުވައެވެ. އެގޮތުން މެދުއިރުމަތި އަދި އެކުވެރި އަރަބި އިމާރާތުގައި މި ކެމްޕެއިންގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލުކުރެއެވެ.
މި ކެމްޕެއިން އަރައިބިއަން ޓްރެވެލް މާކެޓް ތެރެއިން އިފްތިތާހްކޮށްފައިވާއިރު، މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ދުނިޔޭގެ 160 އަށް ޤައުމަކުން މަންދޫބުން ދަނީ ބައިވެރިވަމުންނެވެ. އަދި މި ފެއަރއަށް އެކަނިވެސް 90،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާއިރު، އެކި ޤައުމުތަކުގެ މަންދޫބުން ހިމެނޭހެން 46،000 ވުރެ ގިނަ މީހުން ފެއަރގައި ބައިވެރިވެއެވެ.




