މިމަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ތަހުގީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްސާ ކޮމިޝަނުގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންދިޔުމަށް އެއްވެސް ބާރުވެރި ފަރާތެއްގެ ނުފޫޒެއް އައިސްފިނަމަ، އެ ކޮމިޝަނުން އިއްތިއުފާ ދެއްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވަނީ ހައްވާ ޔުމްނު ރަޝީދެވެ. ހާދިސާއާ ގުޅިގެން އެކި ތުހުމަތުތައް ފެތުރިފައިވާއިރު، މިއީ ބައެއްގެ ރޭވުމުން ހިނގި ކަމެއް ކަމަށާއި މިހާދިސާގެ ބައެއް މައުލޫމާތުތައް ފޮރުވުމަށް ފުލުހުންނާއި ބައެއް އިސް ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ތުހުމަތުވެސް ވަނީ އުފުލިފައެވެ.
އެހެންކަމުން މި ހާދިސާގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާއި އެހެނިހެން ކަންކަން މިނިވަންކަމާއެކު ތަހުގީގު ކުރެއްވުމަށް، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، މިމަހުގެ 27 ވަނަ ދުވަހު ރައީސް މުޢިއްޒު ވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހަމަޖެއްސެވީ ޑރ. މުނައްވަރެވެ. އަދި ދެން ތިބި މެންބަރުންގެ ގޮތުގައި މިހާރު ހިމެނިވަޑައިގަންނަވަނީ:
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
- ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރު
ރައީސްގެ ޚާއްސަ ކޮމިޝަން އުފެއްދެވުމަށްފަހު، އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ޑރ. މުނައްވަރު ވިދާޅުވީ، މިހާރު އެ ކޮމިޝަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ކޮމިޝަންގެ މަސައްކަތާ ހަވާލުވީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް ފަރާތަކަށް ނުފޫޒު ހިންގަން ފަސޭހަވާނެ ފަރާތެއް ނޫން ކަމަށާއި އެހެންކަމުން ކޮމިޝަނުން މިނިވަންކަމާއެކީ ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އޭނާގެ މައްޗަށް ނުފޫޒެއް ހިންގުން ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
”އަޅުގަނޑުގެ މައްޗަށް އެއްވެސް ނުފޫޒެއް ނުހިންގޭނެ ކަމުގެ ޔަގީންކަން އެބައޮތް. ކޮމިޝަނަށް ދެން އައްޔަނުކޮށްފައިތިބި ބޭފުޅުންގެ އިންޓެގްރިޓީއާ ދޭތެރޭގައި އަޅުގަނޑުގެ ހިތަކަށް ސުވާލެއް ނާދޭ. މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖިއްޔާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ކަމެއް ނިންމަން ޖެހިއްޖެނަމަ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން“ ޑރ. މުނައްވަރު ވިދާޅުވިއެވެ.
މީގެއިތުރުން އެ ކޮމިޝަންގެ ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށްވާތީ، މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރެވޭނެ ޕޯޓަލެއް ހުޅުވުމަށް ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.




