ރާއްޖޭގެ މަރުކަޒީ ބެންކް ކަމަށްވާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރަން އާ ބޭފުޅުން ހަމަޖައްސައިފި އެވެ.
އެ ދެ މިނިސްޓްރީ ތަމްސީލުކުރަން އާ ބޭފުޅުން ހަމަޖައްސާފައިމިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ދެ ބޭފުޅުން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެމްއޭގެ ރަސްމީ ވެބްސައިޓުން ދައްކާ ގޮތުގައި އެމްއެމްއޭގެ ބޯޑުގައި މިހާރު ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ މެމްބަރަކަށް އައްޔަނު ކޮށްފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޯޑަށް ހަމަޖައްސައިފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު އެވެ.
މި ދެ ބޭފުޅުން އެމްއެމްއޭގެ ބޯޑަށް އައްޔަނު ކޮށްފައިވަނީ ކޮންއިރަކު ކަމެއް އެނގިފައެއް ނުވެއެވެ.




