ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބާއްވާ ޚާއްސަ ބޮޑު ހިނގާލުން މިއަދު ހަވީރު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:45 ގައި ކަމަށެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީއެންސީގެ މައި ޖަގަހަ ކުރިމަތިންނެވެ.
މި ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނާއިރު، ޕީއެންސީން ވަނީ މި ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.
މާދަމާ ރާއްޖޭގައި ތިން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުންވެސް މާދަމާ އޮންނާނެއެވެ.




