މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަތިލާންޖެހޭނޭ އެންމެ ބޮޑު ޙަޤީޤަތް ކަމަށާއި، އެއީ އެއްވެސް މީހަކަށް އޭގެއިން ރެކިގަނެވޭނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މަރު“ މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ވަނީ މަރަށް ތައްޔާރުވުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރަކީ ކޮންމެ މީހަކަށް ވެސް ޔަގީންވެގެންވާ ކަމަކަށް ވާތީ، މާތް الله ސުބްޙާނަހޫ ވަތަޢާލާ ވަނީ މަރަށް ”ޔަޤީން” ގެ ނަމުން ނަންދެއްވައިފައެވެ.
ހުތުބާގައި ބުނިގޮތުގައި، ކީރިތި ޤުރުއާނުގެ އާޔަތެއްގައި ވެއެވެ. މަރު އަތުވެއްޖައުމަށް ދާންދެން މާތް الله އަށް އަޅުކަން ކުރުމުގައި ދެމިތިބެން ޖެހޭނެ ކަމަށެވެ.
ދުނިޔޭގެ ޙަޔާތުގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި ވިޔަފާރިތައް ދޫކޮށް ދާންޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫންކަން ހުތުބާގައި ފާހަގަކުރިއެވެ. އެއީ އާއިލާގެ މީހުންނާއި އެކުވެރިން މާޔޫސްކަމާއި ހިތާމައިގައި ތިއްބާ، އަދި ސިއްހީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ވެސް ފުރާނަ ސަލާމަތް ނުކުރެވި، ދުނިޔެއާ ވަކިވާންޖެހޭ އެންމެ ވޭންދެނިވި ވަގުތު ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން، ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއް ހުތުބާގައި ބަޔާންކުރަމުން ބުނީ، ކަށްވަޅު ކައިރީގައި ހުންނަވައި ރަސޫލާ ﷺ ކީރިތި ކުރެއްވި ކަމަށާއި، އަދި ސަހާބީންނަށް މުހާތަބު ކުރައްވައި ”އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! މި ދުވަހަކަށް ތިޔަބައިމީހުން ވެސް ތައްޔާރުވާށެވެ!“ މިފަދައިން ހަދީޘް ކުރެއްވި ކަމަށެވެ.
ހުތުބާގައި ބުނީ، މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާނެ ކަމަށެވެ. ކިތަންމެ އާރާއި ބާރުގެ ވެރި ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި ފާރަވެރިން ތިބި ނަމަވެސް، މަލަކުލް މައުތު އަލައިހިއްސަލާމް އެ ތަންތަނަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައަކާ ނުލައި ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
ވީމާ މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެކަމަށް ތައްޔާރުވުމަށާއި ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާން ކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.



