ނޯޓުގެ ނިއު އެޑިޝަން ފިހާރައަށް ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން 8،000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި ދެ އަންހެންނުން ހޯދުމުގެ މަސައްކަތް އެ ފިހާރައިން ފަށައިފިއެވެ.
ނިއު އެޑިޝަނުން ރޭ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ފޭކު ސްލިޕް ބޭނުންކޮށްގެން އެ ދެ އަންހެނުން ޖުމްލަ 8،788.29 ރުފިޔާގެ ވިޔަފާރި އެ ފިހާރައިން ކޮށްފައިވާ ކަމަށެވެ.
އެ ފިހާރައިން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އޭގެ ތެރެއިން އެއް އަންހެނަކު ހުރީ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެންނެވެ. އޭނާ ހުރީ ކަޅު ބުރުގާއަކުން މޫނު ނިވާކޮށްގެން ކަމަށާއި، ފިހާރަ ތެރޭގައި އުޅުނުއިރު ވެސް މޫނު ނުފެންނާނެހެން އަތުން ބުރުގަލުގައި ހިފަހައްޓައިގެން ހުރިކަން ފާހަގަކުރެވެއެވެ.
ދެން ހުރި އަންހެން މީހާ ހުރީ ބުރުގާ ނާޅައެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ކަޅު ކުލައިގެ ޖިންސެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ދެއްކުމުގެ ކަންކަމުގައި އުޅެނީ މޫނު ނިވާކޮށްގެން ހުރި އަންހެން މީހާއެވެ. ނަމަވެސް، ވިޔަފާރިކުރި ތަކެތި އެޅި ތިން ކޮތަޅު ހިފައިގެން ފިހާރައިން ނުކުމެގެން ދަނީ ބުރުގާ ނާޅާ ހުރި އަންހެން މީހާއެވެ.
ނިއު އެޑިޝަނުން ވަނީ މި ދެ މީހުން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މި ދެ މީހުން ހޯދުމަށް އެހީތެރިވެދޭ ފަރާތަކަށް ހާއްސަ އިނާމެއް ދޭނެ ކަމަށް ވެސް އެ ފިހާރައިން ވަނީ އިއުލާނުކޮށްފައެވެ.



