މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު އޮބްޒަރވް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމް އިން ބުނީ މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.
އެޗްއާރްސީއެމް އިން ބުނިގޮތުގައި، ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަންގެ މުވައްޒަފުން ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެއެވެ. އެގޮތުން މާލެ ސަރަހައްދުގައި 208 ފޮށްޓެއް އަދި އަތޮޅުތެރޭގެ ރަށްތަކުގައި 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކ. މާފުށި ޖަލުގައި ވެސް ކޮމިޝަންގެ އޮބްޒަރވަރުން ހަރަކާތްތެރިވާނެއެވެ.
އިންތިޚާބުތަކުގައި ބައިވެރިވުމާއި ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއްކަން ފާހަގަކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވެސް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ.
ކޮމިޝަނުން އިތުރަށް ބުނީ، ކޮންމެ މީހަކުވެސް ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި، އަމިއްލަ އިޚްތިޔާރުގައި ދެވޭ ވޯޓަކަށް ހަދަންޖެހޭނެ ކަމަށެވެ. އަދި ވޯޓުލުމަށް ލިބިދީފައިވާ ޙައްޤަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ވަނީ އެދިފައެވެ.
ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލަމުން އެޗްއާރްސީއެމް އިން ބުނީ، ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް، ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ކަންކަން ޙައްލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.




