ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ–ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
3200 މީޓަރު ދިގު ޓެކްސީވޭ–ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވީއައިއޭގެ އެންމެފުރަތަމަ ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށްތަރައްގީކުރީ 1981 ވަނަ އަހަރުއެވެ.
އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެމަތިން މަރާމާތު ކޮށްފައިވެއެވެ. ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަންޖެހުނެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގައެވެ. އެއީ މިހާރުބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމުންނެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައެވެ.
މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ–ޗާލީގެ 1,100 މީޓަރު އަލުންތަރައްގީ ކުރާނެއެވެ. މި ފިޔަވަހީގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 އޮކްޓޫބަރު 2026 އަށެވެ.



