މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝާހިދު ވެސް ރޭގައި މަގާމުން ވަކިކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދުތައް އޮންނަ ގޮތުން، ކުންފުނިތަކުގެ ނައިބު މެނޭޖިންގ ޑިރެކްޓަރުން ފަދަ އިސް މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސުމާއި އެ މަޤާމުތަކުން ބޭފުޅުން ވަކިކުރުމުގެ ފުރިހަމަ އިޚުތިޔާރު ލިބިގެން ވަނީ ކުންފުނީގެ ބޯޑަށެވެ.
އެނގިފައިވާ ގޮތުގައި ޝާހިދު އެ މަގާމުން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައި އެފަދައިން ނިންމަވައިގެންނެވެ.
އޮގަސްޓް 3، 2025ގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމަށް އައްޔަނުކުރެވުނު އިބްރާހީމް ޝާހިދަކީ މީގެ ކުރިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެމްޑަބްލިޔުއެސްސީގެ އެންމެ އިސް ސަފުގައި ޝާހިދާ އެކު ޖުމްލަ 11 ބޭފުޅަކު ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ހިމެނިވަޑައިގަންނަވާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވަނީ ޖުމްލަ 6 މެންބަރުންގެ މައްޗަށެވެ.




