ރާއްޖޭގެ ބާޒާރުގައި ސިމެންތި ލިބުމުގައި ދައްޗެއް ނެތް ކަމަށާއި، ސިމެންތި ސަޕްލައިކޮށްދޭނެ އިތުރު ހަތަރު މާކެޓެއް މިހާރު ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދޭތެރެއަކުން ބާޒާރުގައި ސިމެންތި ނުލިބިގެން ދިމާވާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކޮމިޓީން ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ސިމެންތި ގެންނަ މާކެޓުތަކުން ސިމެންތި ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ސިމެންތި މިހާރުވެސް ގެންނަ މާކެޓުން ރާއްޖެއަށް ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތަކަށްވެސް ވިސްނައިގެން މަސައްކަތް ކުރެވުނީ. އެހެންކަމުން ބަދަލުގައި ބޭނުންކުރެވޭނެ އިތުރު 4 ސަޕްލަޔަރަކު މިހާރުވެސް ވަނީ ހަަމަޖެހިފައި،“ މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތަކީ ޚާރިޖީ ވުޒާރާއާއި ގުޅިގެން ކުރެވުނު މަސައްކަތެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މީގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުން ކަމަށެވެ. މީގެ އިތުރުން މި ދާއިރާއަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ސިމެންތީގެ އަގު މިހާރު ދަށަށް ގޮސްފައިވާއިރު، މި ހިނގާ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ.
އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އެރުމަށްފަހު، ވިލާއިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލުނެވެ.




