އިޒްރޭލާއި އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަނގުރާމަ ދެ ހަފުތާއަށް ހުއްޓާލުމަށްވީ އެއްބަސްވުމަށް އިރާނުން ވަރުގަދަ ޝަރުތުތަކެއް ހުށަހަޅައިފިއެވެ.
އިރާނަށް ހަމާލާ ދިނުން މެދުކަނޑާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމުން އިރާނުން ވެސް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ.
ދެ ހަފުތާ އަށް ހަނގުރާމަ ހުއްޓާލުމަށް ވި މި އެއްބަސްވުމުގެދަށުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިރާނުން ވަނީ ރުހުން ދީފަ އެވެ.
މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގައި އެ ކަނޑުއޮޅިން އުޅަނދުފަހަރަށް އެގައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ލިބިގެން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
މި މަޝްވަރާތައް ބިނާވެފައިވަނީ އިރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެކުލަވާލާފައިވާ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއްގެ މައްޗަށެވެ.
އިރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރެއިން އެންމެ ވަރުގަދަ ނުކުތާތަކަކީ، ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އިރާނަށް އޮތުމަށާއި، ގަލްފުގެ ގައުމުތަކުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ހުށަހެޅި ހުށަހެޅުމެވެ.
އިރާނުގެ ވަށައިގެންވާ ގަލްފުގެ ގައުމުތަކުގައި އެމެރިކާއިން ވަނީ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، އެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިން ބައިތިއްބާފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި، އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ބާރުތައް އެއްކޮށް ބޭލުން ހިމެނެއެވެ.




