އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަޤާމުން ވަކިކުރަން ޕެޓިޝަން ހުށަހެޅިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް، އެޕާޓީގެ ޗެއާޕާސަން ޢަބްދުލްޢަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަޕޯ މިހެން ވިދާޅުވިއިރު، އޭނާ މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން ސޮއިކޮށް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
އެމްޑީޕީގެ 59 އަށްވުރެ ގިނަ ގައުމީ މަޖިލިސް މެންބަރުންގެ ސޮޔާއެކު ގަޕޯ ވަކިކުރަން ހުށަހަޅާފައިވަނިކޮށް، ޕާޓީގެ މެންބަރުން ހިމެނޭ ގްރޫޕެއްގައި މެންބަރަކު ވަނީ 55 މެންބަރުން ސޮއިކުރުމުން ދެން ރަނގަޅުވާނީ މަޤާމުން ދުރަށް ޖެހިލުން ކަމަށް ބުނެފައެވެ.
އެ މެސެޖަށް ރައްދު ދެއްވަމުން ގަޕޯ ވިދާޅުވީ ”ޕާޓީގެ ޗެއާޕާސަންކަމުގެ މަޤާމުން އިސްތިއުފާ ނުދެއްވާނޭ“ ކަމަށާއި، ވޯޓު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
ގަޕޯ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ، ދާދިފަހުން ބޭއްވި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލައިގައެވެ. މިކަމާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްވެސް ކޮށްފައެވެ.
ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ، އޭނާއާ މަގާމު ހަވާލުކުރީ ސަރުކާރުގެ ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. ނަމަވެސް، ޗެއާޕާސަންގެ އަމަލުތައް ހުރިގޮތުން ޕާޓީގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، މަސްލަހަތު ގެއްލިފައިވާ ކަމަށް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ޕާޓީއާމެދު ރައްޔިތުން ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް އެ މައްސަލަ ހުށަހެޅި މެންބަރުން ބުނެފައިވެއެވެ.




