އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، އުމުރުން 92 އަހަރުގައި މަރުވެއްޖެއެވެ.
މެޔަށް ޖެހުނު އިންފެކްޝަނަކާއި ވަރުބަލިކަމުގެ ސަބަބުން، މުމްބާއީގެ ބްރީޗް ކޭންޑީ ޕްރައިވެޓް ހޮސްޕިޓަލުގައި އާޝާ އެޑްމިޓްކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މަރުވީ ހިތް ހުއްޓުމާއި ފުއްޕާމޭގެ ބަލިތަކާ ގުޅިގެން ކުރިމަތިވި ސިއްޙީ މައްސަލަތަކެއްގައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ، އާޝާ ބޯސްލޭ ހޮސްޕިޓަލަށް ގެންދިޔައީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ މާމަ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ ޒަނާއީ ބޯސްލޭ ވަނީ އެ ޚަބަރުތައް ދޮގުކޮށް ”އެކްސް“ ގައި ޕޯސްޓެއް ކޮށްފައެވެ.
އާޝާ ބޯސްލޭ އަކީ އިންޑިއާގެ ލަވަކިޔުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ، 70 އަހަރަށްވުރެ ދިގު މާޒީއެއް އޮތް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ ކެރިއަރު ފެށިގެން އައީ ދައްތަ ލަތާ މަންގޭޝްކަރުގެ ހިޔަނިދަށުން ކަމަށްވީ ނަމަވެސް، އަމިއްލަ ވަކި ހުނަރަކާއި ޖޯޝުން ފުރިގެންވާ ތަފާތު އަޑަކުން އޭނާ ވަނީ ލަވަކިޔުމުގެ ދުނިޔޭގައި އަމިއްލަ ނަމެއް ބިނާކޮށްފައެވެ.
އާޝާ ބޯސްލޭގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، މިއުޒިކުގެ ތަފާތު އެކި ގިންތިތަކުގެ ލަވަތައް އެއްވެސް އުނދަގުލަކާ ނުލައި ކިޔައިދިނުމުގެ ގާބިލުކަމެވެ. ލޯބީގެ މަޑުމައިތިރި ރާގުތަކުން ފެށިގެން، ހަލުވި ކެބަރޭ ލަވަތަކާއި، ގަޒަލްތަކާއި އަދި ޕޮޕް މިއުޒިކުގައި ވެސް އޭނާ ވަނީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދާފައެވެ. އޯ.ޕީ ނައްޔަރު ފަދަ މިއުޒިކް ޑައިރެކްޓަރުންނާއެކު ކުރި މަސައްކަތުން ”އާއޯ ހުޒޫރު ތުމްކޯ“ ފަދަ އަބަދަށް ފެހި ލަވަތަކެއް އުފަންވިއިރު، އާރް.ޑީ ބަރްމަން އާއެކު އުފެއްދި ”ޗުރާ ލިޔާ ހޭ ތުމްނޭ ޖޯ ދިލް ކޯ“ ފަދަ ލަވަތަކަކީ މިއަދުވެސް މަގުބޫލުކަން ނުކެނޑޭ އުފެއްދުންތަކެކެވެ.




