ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސަރަޙައްދުގެ ޝަރަފުވެރި 6 ދާއިރާއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، މި ދާއިރާތަކަށް ރާއްޖެ ހޮވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކުރިއެރުން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.
މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
2026 ވަނަ އަހަރު ދިވެހިރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތަކަކީ:
– އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން
-އިންޑިއަން އޯޝަންސް ލީޑިންގް ބީޗު ޑެސްޓިނޭޝަން
-އިންޑިއަން އޯޝަންސް ލީޑިންގް ޑައިވް ޑެސްޓިނޭޝަން
-އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން
-އިންޑިއަން އޯޝަންސް ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން 2026
– އިންޑިއަން އޯޝަންސް ލީޑިންގް ޓޫރިސްޓް ބޯޑް 2026
1993 ވަނަ އަހަރު ތައާރަފު ކުރި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ، ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ، މި ސިނާޢަތުގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ އެވޯޑެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށް، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު އެތައް ފަހަރަކު ދަމަހައްޓާފައެވެ.



