އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ބައިވެރިވުމާއެކު، މިއަހަރުގެ ”ބިލްޑް އެކްސްޕޯ“ މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.
”ބިލްޑް އެކްސްޕޯ 2026“ ކުރިއަށް ދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯ ކުރިއަށްދާނީ އޭޕްރީލް 16 އިން ފެށިގެން އޭޕްރިލް 19 ވަނަ ދުވަހާ ހަމައަށެވެ.

މަސީއިން ފާހަގަކުރި ގޮތުގައި މިއަހަރުގެ އެކްސްޕޯ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑުތަނުން ތަފާތުވެފައި ފުރިހަމައެވެ. އެގޮތުން ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން އޭޝިއާގެ ބޮޑެތި ގައުމުތައް ކަމަށްވާ ލަންކާ، ތައިލޭންޑް، އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތަކުން މި އެކްސްޕޯގައި ބައިވެރިވެ، އެ ގައުމުތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯ އާންމުންނަށް ހުޅުވާލާފައިވަނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.




