އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާއި ސިއްރު ޑިޕްލޮމެޓިކް މުއާމަލާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާތީ، އެ ގައުމާ އެކު އޮތް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއް ވަރަށް އަވަހަށް ގާއިމުކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު އެއްބަސްވުމަކަށް އާދެވުމާ ވަރަށް ގާތްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މި އެއްބަސްވުމުގައި ސޮއިކުރުން، މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޕާކިސްތާމުގެ ވެރިރަށް އިސްލާމްއާބާދުގައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިހާރު އޮތް ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އޭގެ ބޭނުމެއް ނުޖެހިދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ ގައުމުން ވެސް މިހާރު ވަނީ އުސޫލީ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އެމްއޯޔޫއެއްގައޮ ސޮއިކުރުމަށް ފަހު، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފުރިހަމަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. އެމެރިކާއިން ހުށަހަޅާފައިވަނީ 20 އަހަރުދުވަހުގެ މުއްދަތަށް ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމަށެވެ.



