އެމެރިކާ އާއި އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކޮށްފައި އޮތް ހޮރްމޫޒު ކަނޑުއޮޅި އެއްކޮށް ހުޅުވައިފިއެވެ.
އީރާންގެ ފޮރިން މިނިސްޓްރީ އައްބާސް އަރަގްޗީ މިރޭ ވިދާޅުވީ ލުބުނާނާއި އިސްރާއީލްއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ 10 ދުވަހަށް މެދުކަނޑާލުމާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް މިހާރު އެއްކޮށް ހުޅުވާލާފައިވާ ކަމަށެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ އީރާނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރަންވާނީ އެ ގައުމުގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ވަކި ހާއްސަ މަގަކުން ކަމަށެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ނިންމި ނިންމުމަށް އީރާނަށް ޝުކުރު އަދާކުރާ ކަމަށެވެ. ޓްރަމްޕް ވެސް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރިތަކަށް މިހާރު މުޅިން ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް، އީރާނާއެކު ވަކި އެއްބަސްވުމަކަށް އާދެވެންދެން، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އީރާނަށް އަޅާފައިވާ ބްލޮކޭޑް އެގޮތުގައި ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
”އީރާނާއެކު ކުރެވޭ މުއާމަލާތްތައް ސައްތައިން ސައްތަ ފުރިހަމަވަންދެން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ދެމިއޮންނާނެ،“ ޓްރަމްޕް ވިދާޅުވެފައިވެއެވެ.




