މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔަ ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއެއްގެ އިންތިހާބު ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
މިއަދުގެ އިންތިހާބުގައި ހއ. ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު ހައްވާ ފަޒުނާ އެވެ. އޭނާއާ ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމެވެ.
ދެން ޕީއެންސީން ކާމިޔާބުކުރީ ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑިއެވެ. އެ މަގާމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތުރު ރިއުޒާ އެވެ. އޭނާއާ ވާދަކުރީ އަމިއްލަ ގޮތުން އެ މަގާމަށް ކުރިމަތިލި ކެންޑިޑޭޓު ފާތިމަތު ނިޝާދާއެވެ.
މީގެ އިތުރުން، ލ. މާވަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިހާބުވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއާ ވާދަކޮށް ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝާފިޔާއެވެ.
މިހާތަނަށް ނަތީޖާ ޔަގީންނުވެ އޮތީ ދެ އިންތިހާބެއްގެއެވެ.
އެއީ ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލަރު ހޮވުމުގެ އިންތިހާބާއި، ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ.
ދަޑިމަގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ޝީޒާ އިބްރާހީމެވެ. އަދި ދޮންފަނު ކައުންސިލްގެ ގޮނޑިއަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހްއެވެ.



