އީރާނާއި އެމެރިކާއާ ދެމެދު ކުރެވެމުންދާ ސުލްހައިގެ މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ މެދުކަނޑާލައިގެން ތިބެން އެއްބަސްވި ދެ ހަފްތާގެ މުއްދަތު ހަމަވުމުން، މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ވަގުތު އިތުރުކުރައްވައިފިއެވެ.
ދެ ހަފްތާއަށް ހަމަލާތައް މެދުކަނޑާލަން ނިންމި ނިންމުމުގެ ވަގުތު ހަމަވީ އިއްޔެއެވެ. ނަމަވެސް ވަގުތު ހަމަވުކަށްފަހު، އީރާނުން ވެސް އެއްވެސް ހަމަލާއެއް ދީފައެއް ނުވެއެވެ.
މުއްދަތެއް ނެތް ގޮތަށް އެ ވަގުތު އިތުރުކުރަން ޓްރަމްޕް ނިންމެވީ ރޭގައެވެ.
ޓްރަމްޕު ވިދާޅުވީ މިގޮތަށް ނިންމެވީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އެދުމަށް އިޖާބަ ދިނުމަށާއި އީރާނުގެ ”ބައިބައިވެފައިވާ“ ލީޑަޝިޕުން އާ ހުށަހެޅުމެއް ތައްޔާރުކުރުމަށް ވަގުތު ދިނުމަށް ކަމަށެވެ. ނަމަވެސް، އީރާނުން އެންމެ ބޮޑަށް ދެކޮޅުހަދާ ކަންތައް ކަމަށްވާ، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތް އޮތުން އަދިވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ވަގުތު ހަމަވުމުން އިތުރު ވަގުތު ނުދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން ބޮން އަޅަން ފަށާނެކަމުގެ އިންޒާރު ދެއްވައިފައެވެ.




