ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އާއި ބަނދަރާ ދެމެދުގައި އޮންނަ ކަފިހުރަހުގެ ފުރާޅު މަރާމާތުކުރަން މެންދަމުގެ ވަގުތު އެ މަގު ބަންދުކުރަން ނިންމައިފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރަމުން އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓާމިނަލް 2 ގެ ކަފިހުރަހުގެ ފުރާޅު މަރާމާތުކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އަށް އެ މަގު ބަންދުކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާ ވަގުތު ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކަށް ގެންނަ ބަދަލުތައް:
° ޑޮމެސްޓިކް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ފަސިންޖަރުން ގޮވައިގެން ދާ ޓެކްސީތައް އެ ވަގުތުތަކުގައި މަޑުކުރާނީ ޓާމިނަލް 1 ގެ ޑިޕާޗަރ ގޭޓް 1 އާއި 2 އަށް. އެ ވަގުތުތަކުގައި ޓާމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެ.
° ފަސިންޖަރުން ބޭލުމާއި ނެގުމަށް އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލު ޕާކިންގެ ބަސްހުއްޓިއަށް އެކަނި.
° އޭޓީސީއަށް ދާ އިންޓާނަލް ބަސް ރޫޓު 1 ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް 1 ޑިޕާޗާ ގޭޓަށް. އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ އިންޓާނަލް ބަސް ރޫޓު 2 ގެ ދަތުރުތައް ފަށާނީ ޓާމިނަލް 2 ގެ ބުރު ކުރިމަތިން.
އެމްއޭސީއެލް އިން ބުނީ މި ބަދަލު ގެނައި ނަމަވެސް، އެއާޕޯޓުގެ ބަސް ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ބަސް ރޫޓު ބަދަލުވާނީ މި މަސައްކަތް ކުރިއަށް ދާ މުއްދަތުގައި ކޮންމެ ރެއަކު ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އަށް ކަމަށެވެ.



