ނުދެއްކި ގިނަދުވަސް ވެގެން ފެން ބިލަށް އަރާފައިވާ ޖޫރިމަނާ އެމްޑަބްލިޔުއެސްސީން މައާފުކޮށްދޭން ނިންމައިފިއެވެ.
މިކަމާ ބެހޭގޮތުން ފެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް އަނެއްކާވެސް ނިންމާފައިވާ ކަމަށެވެ.
މި ނިންމެވުމާއި ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދެވޭނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
އެގޮތުން، ޖޫރިމަނާ މައާފްކޮށްދެވޭނީ، އެ ބިލްތަކުގެ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކައި ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށް ވެސް ފެން ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އިސްވެދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެއިންތިޒާމް ހަމަޖައްސައި ދެވޭނެ ކަމަށާއި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކުރުމުން ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
ފެން ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން އެކަމުގައި އިތުރު އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ޤަވާއިދުން ބިލްތަކަށް ފައިސާ ދައްކަމުން ގެންދިޔުމަށް ހުރިހާ ކަސްޓަމަރުންނަށް ފެން ކުންފުނިން އިލްތިމާސްކުރެއެވެ.



