އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި ”ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ“ ވޮޝިންޓަންގެ ހޮޓަލެއްގައި ކުރިއަށް ދަނިކޮށް އެތަނުގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ރޭގައި ބޭއްވި އެ ހަފްލާގެ ތެރެއިން ބާރުގަދަ އަޑުތަކެއް އިވެން ފެށުމާއެކު، ހަފްލާގެ ބައިވެރިން ވަނީ ރައްކާތެރިކަން ހޯދުމަށް މޭޒުތަކުގެ ދަށަށް ވަދެފައެވެ.
މި ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ހާއްސަ ފައުޖުތަކުން ވަނީ ހަތިޔާރާއެކު ސްޓޭޖްގެ ކޮންޓްރޯލް ނަގައި، ވަގުތުން ރައީސް ޓްރަމްޕް އެތަނުން ނެރެފައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި ރައީސް ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވެ ހޮޓަލުން ވަނީ ނެރެގެން ގެންގޮސްފަ އެވެ.
ސީކްރެޓް ސާވިސްއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ހަމަލާދިން ކަމަށް ބެލެވޭ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުން ބުނި ގޮތުގައި، ބަޑީގެ އަޑު އިވެން ފެށީ ހަފްލާ ފަށައި ކެއުން ކުރިއަށް ދަނިކޮށް، ޓްރަމްޕް ވާހަކަފުޅު ދެއްކެވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ކެބިނެޓް އޮފިޝަލެއް ކަމަށްވާ މެހްމެތު އޯޒް ވިދާޅުވީ، ސެކިއުރިޓީން އޭނާ އެތަނުން ނެރުނުއިރު މަތީ ފަންގިފިލާގައި ބަޑިޖަހާ އަޑު އިވެން ފެށިކަމަށެވެ.
ޓްރަމްޕް ބައިވެރިވި މި ހަފްލާގައި ބަޑީގެ ހަމަލާތަކެއް ދީފައިވަނީ ކެލިފޯނިއާއަށް ނިސްބަތްވާ މީހެއް ކަމަށްވާ އުމުރުން 31 އަހަރުގެ ކޯލް އެލަން އެވެ.




