މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ ”ވިލުންވެރި ކަނބަލުން“ ޕްރޮގްރާމްގެ އައު ބުރެއް މިއަހަރު ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.
މީގެ 3 އަހަރު ކުރިން ފެށި މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ.

އެގޮތުން، މިދިޔަ އަހަރު 323 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ”ޑޮމެސްޓިކް އެޕްލައެންސަސް“ މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ.
އެމްއައިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ.
މިއަހަރުގެ ޕްރޮގްރާމްގެ ކްލާސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 7 މެއި 2026 ގައެވެ. މި ތަމްރީނުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 3 މެއި 2026 އެވެ.
އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ މިފަދަ ކަންކަމަށް ފުރިހަމަ އެއްބާރުލުން އެޗްޑީސީން ދެމުންގެންދެއެވެ.




