އެމެރިކާގެ ބައެއް ޕާސްޕޯޓުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމަނަން ފަށާނެ ކަމަށް އަންގާރަ ދުވަހު އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މިއީ ސަރުކާރުގެ މުއައްސަސާތަކުގައި ރައީސްގެ ނަމާއި ފޮޓޯ ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފް ނިންމުމެކެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ”ލިމިޓެޑް އެޑިޝަން“ އެއްގެ ގޮތުގައި މި ޕާސްޕޯޓު ނެރެނީ އެމެރިކާގެ މިނިވަންކަމުގެ ބަޔާނަށް މިއަހަރު 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
އާންމުކޮށް، ސިޔާސީ ކަންކަމާ ދުރުގައި އޮންނަ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާގައި މި ޕާސްޕޯޓުގެ ނަމޫނާއެއް ދައްކާލައިފަ އެވެ. އޭގައި ފެންނަނީ ޖުލައި 4، 1776 ގެ މިނިވަންކަމުގެ ބަޔާނުގެ މަތީގައި، ހަރުކަށި ސިފައެއްގައި ފެންނަ ޓްރަމްޕްގެ ފޮޓޯއެކެވެ. އޭގެ ތިރީގައި ޓްރަމްޕްގެ ސޮއި ރަންކުލައިން ޖަހާފައިވެއެވެ.
ދެވަނަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓެއްގައި ފެންނަނީ އެމެރިކާގެ ބާނީންގެ ތާރީހީ ކުރެހުމެކެވެ.
”ޖުލައި މަހު އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރާއިރު، ސްޓޭޓް ޑިޕާޓްމަންޓުން ދަނީ މި ތާރީހީ މުނާސަބަތާ ގުޅިގެން ހާއްސަ ފަރުމާއެއްގެ ޕާސްޕޯޓުތަކެއް ދޫކުރުމަށް ތައްޔާރުވަމުން،“ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި އެވެ
ދުނިޔޭގެ އެއްވެސް ގައުމެއްގައި، ހާއްސަކޮށް ޑިމޮކްރަސީއެއްގައި، ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ފޮޓޯ ޕާސްޕޯޓުގައި ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އަދި ޓްރަމްޕް ވެވަޑައިގަންނަވާނީ އެމެރިކާގެ ޓްރެވަލް ޑޮކިއުމެންޓްތަކުގައި ފޮޓޯ ޖަހާ، ވެރިކަމުގައި ހުންނެވި ފުރަތަމަ ރައީސަށެވެ.



