އީރާނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ފެށި ހަނގުރާމަ ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ކޮންގްރެސްއަށް އަންގަވައިފިއެވެ.
ކޮންގްރެސްގެ އިސްވެރިންނަށް ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި މިފަދައިން ވިދާޅުވެފައި މިވަނީ، ހަނގުރާމައަށް 60 ދުވަސް ވުމުން، އެ ހަނގުރާމައެއް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ގާނޫނުން ލާޒިމްކުރާއިރު އެކަން ކޮށްފައި ނެތުމުން ކޮންގްރެސްގެ މެމްބަރުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ވައިޓް ހައުސްގެ ސްޕީކާ މައިކް ޖޯންސަން، ސެނެޓްގެ ރައީސް ޕްރޯ ޓެމްޕޯ ޗަކް ގްރެސްލީއަށް ރޭގައި ފޮނުއްވި ސިޓީތަކުގައި، ހަނގުރާމަ މެދުކަނޑާލަން ފުރަތަމަ އަމުރުކުރެއްވި ދުވަސް ކަމަށްވާ އެޕްރީލް 7 އިން ފެށިގެން އީރާނާ އެކު ވީ އެއްބަސްވުން އަދިވެސް ދެމި އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ފާހަގަކުރެއްވިކަމަށް ވިދާޅުވެފައިވެއެވެ.
”އެޕްރީލް 7، 2026 ގައި އަޅުގަނޑު ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އަމުރުކުރިން. އެއަށްފަހު އެ މުއްދަތު ވަނީ އިތުރުކޮށްފަ. އެޕްރީލް 7، 2026 އިން ފެށިގެން އެމެރިކާގެ އަސްކަރިއްޔާ އާއި އީރާނާ ދެމެދު އެއްވެސް ވަރަކަށް ހަމަލާ ބަދަލުކޮށްފައެއް ނުވޭ. ފެބްރުއަރީ 28، 2026 ގައި ފެށުނު ހަނގުރާމައިގެ އަމަލުތައް މިހާރު ނިމިއްޖެ“ ޓްރަމްޕްގެ ފަރާތުން މައިކް ފޮނުއްވި ސިޓީގައިވެއެވެ.
މިކަން ލިޔުމުން ކަށަވަރުކޮށްދީފައި މިވަނީ، އޭގެ އެއް ދުވަސް ކުރިން ސެނެޓްގައި ބޭއްވި އަޑުއެހުމެއްގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ކުރިމަތިވެވަޑައިގެންނެވި ސުވާލުތަކަކާ ގުޅިގެންނެވެ. އެ އަޑުއެހުމުގައި، މި ހަނގުރާމަ 60 ދުވަހަށްވުރެ ދިގުލައިގެން ގޮސްފައިވާތީ، އެމެރިކާގެ ”ވޯ ޕަވާޒް“ (ހަނގުރާމައިގެ ބާރުތަކާބެހޭ) ގާނޫނުގެ ދަށުން ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހޭނެތޯ ސެނެޓަރުން ވަނީ ސުވާލު އުފައްދަވައިފައެވެ.


