ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު 31 ދުވަހުގެ ތެރޭގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްކޮށް ނިންމާލައިފިއެވެ.
މިލަންދޫ ބިންހިއްކުމުގެ މަޝްރޫޢު އެއްކޮށް ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ”އެކްސް“ މެދުވެރިކޮށް އިއުލާނު ކުރައްވާފައެވެ.
އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 3 ގައެވެ. އެ މަސައްކަތް ނިންމާފައިވަނީ 4 މެއި 2026 ގައެވެ.
ޖުމްލަ 31 ދުވަހުގެ ތެރޭ، 21 ހެކްޓަރުގެ ބިން މި މަޝްރޫޢުގެ ދަށުން ވަނީ ހިއްކާފައެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35،000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި ”ކުއީން އޮފް ދަ ނެދަލޭންޑްސް“ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ށ.މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން 21 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، އެމްއޭސީއެލްއާއެވެ.
މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއާޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާގައިވެސް ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުން ހިފޭނެ ގޮތަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އެއާޕޯޓު އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން އެއާޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށް ގެންދާއިރު، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖެހި އެމަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.




