ކުދި ގައުމުތަކުގެ ހައްގުގައި، މޫސުމީ އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި އެކުގައި އަޑުއުފުލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ޝަރަފުގައި ޝްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ޚާއްސަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެއީ ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ހަގީގަތެއް ކަމަށެވެ.
”އަޅުގަނޑުމެންނަށް ހުރި ނުރައްކާތައް، އާ އީޖާދުތަކާއި ދުނިޔޭގެ ފެންވަރުގައި ކުރާ ވަކާލާތުތަކުގެ އެހީގައި ވަރުގަދަ ބާރަކަށް ބަދަލުކުރަން ޖެހޭ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލަންކާއާ މެދު ދިވެހީންގެ ހިތުގައި އޮންނަނީ ނުހަނު ގާތްކަމެއް ކަމަށާއި އެއީ ހަމައެކަނި އަވައްޓެރި ގައުމެއް ނޫން ކަަމަށާއި މިއީ އެއް އާއިލާއެއް ކަމަށެވެ.
”މިއީ އަޅުގަނޑުމެންގެ ދަރިން ތައުލީމު ހާސިލުކުރި، އަޅުގަނޑުމެންގެ އާއިލާތަކާއި ރަހުމަތްތެރިން ފަރުވާ ހޯދި، އަދި އަޅުގަނޑުމެންގެ ހިތްތަކަށް އަބަދުވެސް އަމާންކަން ލިބިދިން މަންޒިލެއް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދެ ގައުމުގެ އެކުވެރިކަމަކީ ޒަމާންތަކެއްގެ އިމްތިހާނުތަކުން ފާސްވެފައިވާ، ހަގީގީ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ކުރިއެރުމާއި، މިއަދު މިދެކޭ ތަރައްގީ ވަރުގަދަކުރުމުގައި ލަންކާގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަނީ ނުހަނު ފުން ޝުކުރުވެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.



