ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ކުރަން ފަށައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު ހުށަހެޅުއްވި އެ ގަރާރުގައި ތުހުމަތު ކުރެެއްވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށެެވެ. އެގޮތަށް ތުހުމަތު ކުރައްވައި، ގަރާރުގައި އޭނާ ހުށަހެޅުއްވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުއެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ.
ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޕާޓީތައް އުފައްދައި ހިންގުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާއިރު، އަނެކުންގެ ހައްގުތަކަށާއި މިނިވަންކަމަށް އިހުތިރާމް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
”ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކާ ހިލާފަށް ހިންގަމުންދާ ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން، މާލޭގައި ިދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހަމައްލުކުރަން ޖެހިފައި ވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 189 ވަނަ މާއްދާގެ ދަށުން މި ގަރާރު އަޅުގަނޑު ހުށަހެޅިން،“ ގަރާރުގައި ސައްތާރު ވިދާޅުވިއެވެ.
އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ފަހަކަށް އައިސް ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހައިގައި ޖަލްސާތައް ބާއްވާއިރު ވެސް ޕީއެންއެފްގެ ސަޕޯޓަރުން އެ ތަނަށް އެއްވެ އަޑުގަދަ ކުރާ މައްސަލަ ދަނީ ފާހަގަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ޕީއެެންއެފުން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އާއި އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ޕީއެންއެފުން އަމަލު ކުރާ ކަމަށް ބުނެ އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.


