”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި އެ ވާހަކަ ކިޔައިދޭ އަންހެން މީހާއަކީ އައިޝަތު އީޝާ އަޝްރަފު ކަން އެނގުނު ގޮތުގެ ހެކި ލިބިފައިވާކަމަށް، ފުލުހުންނާ ހަވާލާދީ އީޝާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މުހައްމަދު ފަރީދު ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި ”އައިޝާ“ ގެ ނަން ބޭނުންކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި މައްސަލަ އާއި ގުޅިގެން ހުޅުމާލެ، ފޭސް 1ގައި ހުންނަ ފުލުސް އޮފީހަށް އީޝާ ހާޒިރުކޮށްފައިވަނީ ރޭ 9:00 ގައެވެ.
ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފަރީދު ވިދާޅުވީ އެ ޑޮކިއުމެންޓްރީގައި ވާހަކަ ކިޔައިދެނީ އީޝާކަން އެނގުނީ ކިހިނެއްތޯ ނޫނީ މައްސަލަ ރައްދުވާ އަނެއް ފަރާތުން އެކަހަލަ ވާހަކައެއް ދެއްކީމަ އީޝާ ހާޒިރުކުރެއްވީތޯ ސުވާލުކުރެއްވި ކަމަށެވެ.
”ވިދާޅުވި އެކަމާ ގުޅޭ ގޮތުން އެބޭފުޅުންނަށް ހެއްކެއް ލިބިފައި އޮތް ކަމަށް. އެއީ ކޮން ގޮތަކަށް ލިބުނު ހެއްކެއް ކަމެއް، ކޮން ބާވަތެއްގެ ހެއްކެއް ކަމެއް ވިދާޅެއް ނުވޭ“ އީޝާގެ އެއް ވަކީލު ފަރީދު ވިދާޅުވިއެވެ.
މި މައްސަލައިގައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އީޝާ ނިންމާފައިވާ ކަމަށެވެ. އަދި، ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު މީޑިއާތަކަށް ތަފްސީލުކޮށް އެ މައުލޫމާތު ވެސް ހިއްސާކުރައްވާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށް ވީ ގޮތާއި، އެ ހުރިހާ ތަފްސީލުތަކެއް ވެސް ހިއްސާކުރައްވާނެ ކަން ހާމަކުރައްވަމުން ޝަމީމް ވިދާޅުވީ ވަޒީފާގެ މާހައުލުމުގައި މިކަންކަން ވުމަކީ ވަރަށް އާއްމުކަމެއް ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫންކަމަށާއި އެހެން މީހުންނަށްވެސް މިފަދަ ”ސަކަރާތް“ ނުޖަހަން އެގެން ވާނެކަމަށެވެ.
އީޝާގެ މައްޗަށް ފުލުހުންކޮށްފައިވާ ތުހުމަތުގެ ތަފްސީލު ހާމަކުރައްވަމުން ޝަމީމް ވިދާޅުވީ، ފުލުހުން ތުހުމަތުކުރަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާއާ ހަވާލާދީ، 411 އާއި 413 މައްދާއަށްކަމަށެވެ. އެގޮތުން 411 ވަނަ މާއްދާއަކީ މީހަކު ޒިނޭކުރިކަމުގެ ތުހުމަތުކަމުގައިވާއިރު 413 އަކީ ”ތިމާގެ“ މީހަކާ ޒިނޭކުރި ކަމުގެ ތުހުމަތުކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ މިހާރު 413 ވަނަ މާއްދާގެ ތުހުމަތަކީ އޮޅުމެއްކަމަށް ވިދާޅުވެ އެ މާއްދާ އުނިކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން ތުހުމަތުކުރަނީ 411 ވަނަ މާއްދާގެ ތުހުމަތެއް އޮތް ކަމަށް އެކަނިކަން ޝަމީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ މި މައްސަލައިގައި އީޝާގެ ޕާސްޕޯޓު ހިފެހެއްޓި އަމުރުގައި އޮންނަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހަވާލާ ދީފައި ކަމަށެވެ. ނަމަވެސް ފަހުން އިއްވި ތުހުމަތުގައި 30 ވަނަ މާއްދާއެއް ހިމަނާފައެއް ނުވާއިރު މިހާރު އޮތީ 612 ވަނަ މާއްދާ އެކަންޏެވެ. އެހެންކަމުން ޕާސްޕޯޓު ހިފެހެއްޓި އަމުރާ މެދު ސުވާލު އުފައްދަމުން ޝަމީމް ވިދާޅުވީ މިހާރު އީޝާގެ މައްޗަށް ކުރަނީ މުޅިން އެހެން ތުހުމަތެއް ކަމަށެވެ.



