މުޅި ދުނިޔެއަށް މަޝްހޫރު އެއް ނޫސް ޗެނަލް ކަމަށްވާ ކޭބަލް ނިއުސް ނެޓްވޯކް (ސީއެންއެން) ގެ ފައުންޑަރ ރޮބަރޓް އެޑްވާޑް ޓާނަރ (ޓެޑް ޓާނަރ) އުމުރުން 87 އަހަރުގައި އިއްޔެ މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޓެޑް މަރުވީ ސިކުނޑީގެ ނާރަކަށް ބައްޔެއް ޖެހިގެން، ވަރަށް ގިނަ ދުވަސް ވަންދެން އެ ބަލި ތަހައްމަލު ކުރުމަށްފަހުއެވެ.
ސީއެންއެން އުފެއްދުމުގެ އިތުރުން ޓެޑް އަކީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިއެއް އަދި ޓެލެވިޝަން ޕްރޮޑިއުސަރެއް ވެސް މެއެވެ. އެގޮތުން 1980 ވަނަ އަހަރު އޭނާ ސީއެންއެން އުފެއްދިއިރު، އެ ޗެނަލަކީ އެއިރު އުފެދުނު އެންމެ ފުރަތަމަ 24 ގަޑިއިރު ހިދުމަތްދޭ ކޭބަލް ނޫސް ޗެނަލެވެ.
ސީއެންއެން އުފެއްދުމަށްފަހު ޓެޑް ވަނީ ޑަބްލިޔު.ޓީ.ބީ.އެސް ޗެނަލާއި މަޝްހޫރު ޓެލެވިޝަން ނެޓްވޯކެއް ކަމަށްވާ ޓީ.އެން.ޓީ ވެސް އުފައްދާފައެވެ.
”ޓެޑް އަކީ ވަރަށް ކޮމިޓެޑް ލީޑަރެއް. ކެރޭ، ބިރެއް ނެތި އަދި އަބަދުވެސް އަމިއްލަ ނިޔާއަށް އިތުބާރު ކުރަން ތައްޔާރަށް ހުރި މީހެއް. އޭނާ އަކީ ސީއެންއެންގެ ރިޔާސަތު ބަލަހައްޓާ ރޫހު އަދި އަބަދުވެސް އެކަން އޮންނާނީ އެގޮތަށް“ ޓެޑްގެ މަރުގެ ޚަބަރާއެކު ނެރުނު ބަޔާނުގައި ސީއެންއެންގެ ސީއީއޯ އަދި ޗެއާމަން މާކް ތޮމްޕްސަން ވިދާޅުވެފައިވެއެވެ.




