ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލުން ފެބްރުއަރީ މަހުގެ 28 ގައި އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދުނު ހަނގުރާމަ މިވަގުތު ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، ދެ ޤައުމުންވެސް ދަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް ދިޔުމާމެދު މަޝްވަރާ ކުރަމުންނެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އިއްޔެ ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، ފާއިތުވީ 24 ގަޑިއިރު އީރާނާއެކީ ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެއްބަސްވުމެއް ގާއިމްކުރުން ވެސް އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ޓްރަމްޕް ވިދާޅުވީ، ދެ ފަރާތުގެ މެދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ވެސް ލިބިފައިވާއިރު، އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވަން ޖެހޭ ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.
”މިއީ ވަރަށް ކުޑަ ކަމެއް. އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ސަބަބަކީ އެމީހުން ކިތަންމެ ހަރުކަށި ނަމަވެސް އަހަރުމެން ބޭނުންވަނީ އެމީހުންނާއި ތިޔަ ހުރިހާ އެންމެންވެސް ދިރިތިބެން“ ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ނަމަވެސް އީރާނާއެކު އެއްބަސްވުމަކަށް ނާފެވިއްޖެނަމަ އަނެއްކާވެސް ހަމަލާތައް ދޭން ފަށާނެ ކަމަށް ވެސް ޓްރަމްޕް ވަނީ އިއްޔެގެ އެ ބައްދަލުވުމުގައި ތަކުރާރު ކުރައްވާފައެވެ.


