ރާއްޖޭގައި ހަނޑޫ ހުސްވަމުންދާތީ، އެސްޓީއޯއިން ހަނޑޫ ދޫކުރުން ލިމިޓްކޮށް ނުވަތަ ކޮންޓްރޯލްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ރިޕޯޓްތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެސްޓީއޯއިން އިއްޔެ ބުނީ، ހަނޑޫ ވިއްކުމުގައި އެއްވެސް ވަރެއްގެ ހިފެހެއްޓުމެއް ނެތްކަމަށާއި، މިހާރު ފެތުރެމުންދާ މައުލޫމާތަކީ ހަގީގަތާ ޚިލާފު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ އޮޅުވާލުންތަކެއް ކަމަށެވެ.
މި މައްސަލަ ފެންމަތިވީ، ބައެއް އޮންލައިން މީޑިއާތަކުން އެސްޓީއޯގެ ހަނޑޫ ސްޓޮކް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން މާލޭގެ ބައެއް ރީޓެއިލް ފިހާރަތަކަށް ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ރިޕޯޓްކުރުމާ ގުޅިގެންނެވެ. ނަމަވެސް އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ގުދަންތަކުގައި އާންމުންގެ ބޭނުންތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް ހަނޑޫ ސްޓޮކް އެބަހުރި ކަމަށާއި، އެއްވެސް މެދުކެނޑުމެއް ނެތި ހަނޑޫ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައެވެ.
އެ ކުންފުނިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަނޑޫ ބަރުކޮށްގެން އައި އާ ޝިޕްމަންޓެއް މިހާރުވެސް މާލޭގެ ވިޔަފާރި ބަނދަރުގައި އެބައޮތެވެ.
މިހާރު ކުރިއަށްދަނީ އެ ތަކެތި ބަނދަރުން ބޭލުމަށްޓަކައި ކުރަންޖެހޭ ކަސްޓަމްސް ކްލިއަރެންސްގެ މަސައްކަތްތަކެވެ. މި މަސައްކަތް ނިމުމާއެކު، ހަނޑޫ ސްޓޮކް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑުގެ ބާވަތްތައް އެތެރެކުރުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެވެ.




