ފުރާނައަށް ނުރައްކާވާ ހަންޓާ ވައިރަސްގެ ދެ ކޭސް ސިންގަޕޫރުން ފެނިއްޖެއެވެ.
ޖޭޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ވައިރަސް ޖެހިފައިވާކަމަށް ބެލެވޭ ދެ މީހުން މިހާރު ވަނީ އެހެން މީހުންނާ ދުރުކޮށްފައެވެ. އަދި އެމީހުންގެ އިތުރު ތަހުލީލުތައް ހަދަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި ވައިރަސް ޖެހިފައިވާކަމަށް ބެލެވޭ ދެ ފިރިހެނުންވެސް ވަނީ އެމްވީ ހޮންޑިއަސް ނަމަކަށް ކިޔާ ކްރޫޒްލައިނަރަކުން އެއްކޮށް ދަތުރުކޮށްފައެވެ. އަދި މިވަގުތު އެ ދެމީހުން ވެސް ތިބީ ނޭޝަނަލް ސެންޓަރ ފޮ އިންފެކްޝަސް ޑިޒީޒަސް (އެންސީއައިޑީ) ގައި އެކަހެރި ކޮށްފައެވެ.
”އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާ އަދި ލިބިފައެއް ނުވޭ. އޭގެތެރެއިން އެކަކަށް ވަނީ ވަރަށް ބޮޑަށް ރޯގާ ޖެހިފަ، އެކަމަކު ޖުމްލަ ގޮތެއްގައި އޭނަގެ ހާލު ރަނގަޅު. ދެވަނަ މީހާގެ ގައިން އަލާމާތްތައް ފެންނަވަރު ތަންކޮޅެއް ކުޑަ. ސިންގަޕޫރުގައި ގަދަޔަށް މިބަލި ފެތުރިދާނެކަމުގެ ފުރުސަތު ފެންނަ ފެނުމަށް މިވަގުތު ކުޑަ“ ކޮމިއުނިކެބްލް ޑިޒީޒް އޭޖެންސީ (ސީޑީއޭ) އިން މިއަދު ބުނެފައިވެއެވެ.
ސީޑީއޭ އިން އިތުރަށް ބުނީ، އެ ދެމީހުންގެ ގައިން މި އަލާމާތްތައް ފެންނަން ފެށީ މިމަހުގެ 4 އާއި 5 ވަނަ ދުވަހު ކަމަށެވެ. އަދި އާޖެންޓީނިއާގެ ބަނދަރުން މިމަހުގެ 1 ވަނަ ދުވަހު ނައްޓާލި ކްރޫޒްލައިނަރުން ހަންޓާ ވައިރަސް ފެނިފައިވާކަމަށް ފަހުން ރިޕޯޓުކުރި ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މި ވައިރަސްގެ އަލާމާތްތައް ފެނިގެން އެކަހެރި ކޮށްފައިވަނީ އުމުރުން 67 އަހަރުގެ ފިރިހެނަކާއި 65 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ސިންގަޕޫރު ދެމީހުންނެވެ.
ހޮންޑިއަސް ކްރޫޒްލައިނަރުން ހަންޓާ ވައިރަސް ފެނިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ޖަމިއްޔާއިން ބުނީ، އެ ބޯޓުން ދަތުރުކުރި ޑަޗްގެ ދެމީހުންނާއި ޖަރުމަނު މީހަކަށް މި ވައިރަސް ޖެހިގެން މަރުވެފައިވާ ކަމަށެވެ.
ހަންޓާ ވައިރަސްއަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މި ވައިރަސް ހަށިގަނޑުގެ ތެރެއަށް ދިޔުމުން ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ 6-1 ހަފްތާ ފަހުން ކަމުގައި ޑަބްލިޔުއެޗްއޯ އިން މައުލޫމާތު ދީފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، ހޮންޑިއަސް ކްރޫޒްލައިނަރުން ދަތުރުކުރި އެހެން ޤައުމުތަކުގެ މީހުންވެސް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.


