ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މާލެ ސަރަަހައްދުން މިހާރު ލިބިފައި ހުރި ބިންތަކުގެ އެޅޭނީ 10،700 ހައުސިން ޔުނިޓު ކަމަށާއި އިތުރު ޔުނިޓުތައް އެޅުމަށް ބިން ހޯދަން އެޗްޑީސީއާ ވާހަކަދައްކަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަރަނި ހުރި ގޮތުގެ ސަބަބުން ބޭރުން އެހީ އާއި ބޭރު ފައިސާ ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، އެކިއެކި ”އިނޮވޭޓިވް“ އުކުޅުތައް ބޭނުންކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުގައި 10،700 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން 3،260 ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މި ސަރުކާރުން ކުރިން ލަފާކޮށްފައި ވިޔަސް، 10،700 ހައުސިން ޔުނިޓުގެ އިތުރަށް ފްލެޓު އިމާރާތްކުރުމަށް ބޭނުންވާ ބިން މިވަގުތު ނެތް ކަމަށް މުއްޠަލިބު މިއަދު ވިދާޅުވި އެވެ.
”ހަގީގަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް (ހައުސިން) މިނިސްޓްރީއަކަށް މިވަގުތު ލިބިފައެއް ނެތް. އެހެން ނަމަވެސް މިނިސްޓްރީން އެބަ މަސައްކަތްކުރަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ. އެއާ އެކު މާލޭގައި ވެސް ހުރި ބިންތަކުގެ ތެރެއިން ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައި އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،“ އޭނާ ވިދާޅުވި އެވެ.




