ވަރުބަލިވުމެއް، ފޫހިކަމެއް ނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މި ސަރުކާރުން ވަޒަންކުރާނެ ކަމަށާއި ނަރުހުންގެ އަޑުއަހައި، ފައިދާ ހުރި ކަންކަމަށް އިސްކަންދީގެން ފަހިކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.
”އެކްސް“ މެދުވެރިކޮށް ހިއްސާކުރި މި ޕޯސްޓުގައި ރައީސް ވަނީ ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ފަންނީ އަދި އަމިއްލަ ކުރިއެރުމަށް އެއްބާރުލުން ދިނުމުގައި މި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިއެވެ.
ރައީސް ވިދާޅުވީ، ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުންދާނެ ކަމަށެވެ. އަދި، ތަމުރީނުގެ ފުރުސަތުތައް ފުޅާކޮށް، މުސްތަގުބަލަށް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
”ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، އެ ފަރާތްތަކުގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށްދީ، ދުޅަހެޔޮކަން އިސްކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލާއި ލިބޭ ޢިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމުގެ އިތުރުން، ތަމުރީނުގެ ފުރުސަތުތައް ފުޅާކޮށް، މުސްތަގުބަލަށް ވަރުގަދަ އަދި ހަރުދަނާ ސިއްހީ ނިޒާމެއް ބިނާކުރުމަށް ދަނީ އިސްކަންދެމުން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.




