ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކޯޓްގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ ނޫސްވެރިއަކަށް ޖަލު ޙުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހީނާ ވިދާޅުވީ، މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނާއި އެކަން ނިގުޅައިގަނެގެނެއް ވެސް ނޫން ކަމަށެވެ.
”މިއަދު މިއުޅެނީ އެ ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން. ރައީސްއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ކޯޓަކަށް ނުގެންދޭ. ޖަލަކަށްވެސް ނުލާ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ލިބޭ“ މިނިސްޓަރު ހީނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަކު ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް އަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުސަތު ދިނުމުގެ އިޚްތިޔާރު ރައީސްއަށް ވެސް ލިބިވަޑައެއްނުގަންނަވާ ކަމަށެވެ.



