ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، މިއަދުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
އާންމު ގޮތެއްގައި ކޯރަމް ރަނގަބީލު ޖެހުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ތާވަލުކޮށްފައި އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައެވެ.
ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ގަޑިން 9:10 ވީއިރުވެސް މިއަދުގެ ޖަލްސާއެއް ނުފަށައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެއިރު ވިދާޅުވީ، ޖަލްސާ ފެށުމަށްޓަކައި ކޯރަމް ރަނގަބީލު ޖެހިނަމަވެސް ކޯރަމް ހަމަވެފައިނުވާތީ، މިއަދުގެ ޖަލްސާ 10 ޖަހާއިރު ފަށަން ގަސްދުކުރައްވާ ކަމަށެވެ.
އޭގެ ފަހުންވެސް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމަވައިލައްވައި މާދަމާއަށް ފަސްކުރީ ކަމަށް، ނާޒިމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން އެކަން އިއުލާނުކުރެއްވިއިރު، ޖަލްސާގައި ތިއްބެވީ ނާޒިމްގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ. އެނގިފައިވާގޮތުގައި ވެރިކަންކުރާ ޕީއެންސީގެ އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ.
ޕީއެންސީގެ އެއްވެސް މެންބަރަކު ހާޒިރުވެފައިނުވާއިރު، ފާހަގަކުރެވޭ ގޮތުގައި، މިއަދު ހެނދުނު ހައެއް ޖަހާކަން ހާއިރު، ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްލައިފައެވެ.



