ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވައިލާ ފުރުސަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ބީއެމްއެލް އެދިފައިވެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން، 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި އުޞޫލުތަކުގެ އިތުރުން އެޕްލިކޭޝަން ފޯމު https://www.bankofmaldives.com.mv/bank-fund މިލިންކުން ލިބޭނެކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ކޮންމެ އަހަރަކުވެސް ބޭންކް ފަންޑް ކާމިޔާބުކުރާ ފަސް ފަރާތަކަށް މިއެހީ ބޭންކުން ދެއެވެ. އެގޮތުން މި އެހީ ދެނީ ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން ނުވަތަ މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާ އެވެ. މި ފަންޑު ހިންގަމުން އަންނަތާ މިހާރު ވަނީ ތިން އަހަރު ވެފައެވެ.



