ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތަށް ރަޖިސްޓްރީވުމުގެ ސުންގަޑިހަމަވާން ކައިރިވެއްޖެއެވެ.
މި މުބާރާތަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 14 މެއި 2026 (މާދަމާ) ރޭގަނޑު 11:59 އެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާންކޮށްފައިވާ މި މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުން ކަމުގައި މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
އެގޮތުން މި މުބާރާތް ކުރިއަށް ދަނީ ދެ ކެޓަގަރީ އަކަށް ބަހައިލައިގެންނެވެ. އެއީ:
° ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުން
° ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ ”ސުވެނިއަރ“ ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުން.
މި މުބާރާތުގައި ސްވެނިއަރގެ ގޮތުގައި ޑިޒައިން ކުރާނީ އެމްއެމްއޭއިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗެކެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ވާންވާނެއެވެ.
މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައިގައި އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެއެވެ.
މިއީ ދިވެހީންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަކިވަކި ފަރުދުންނަށް ވެސް، ޓީމެއްގެ ގޮތުގައި ވެސް އަދި ވިޔަފާރިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ބޭނުންނަމަ ދެ ކެޓަގަރީގައި ވެސް ވާދަކުރެވޭނެއެވެ.
މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާއިރު ސްވެނިއަރ ޑިޒައިންކުރުމުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވަކި އެއްބަސްވުމުގެ ދަށުން ސްވެނިއަރ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު currency.section@mma.gov.mv އަށް އީމެއިލް ކުރަންވާނެއެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުގައިވާ ގައިޑްބުކުން ލިބޭނެއެވެ.




