ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށްލާން ހުކުމްކޮށްފައިވާ ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ، މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ވަގުތުން މިނިވަންކަން ކުރަން އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މިއަދު ގޮވާލައިފިއެވެ.
ޝަހުޒާން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ”އަދަދު“ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅުންހުރި ގޮތަކަށް ސުވާލުކުރުމުންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާފައިވަނީ އެ އަމުރާ ގުޅޭ ހަބަރެއް ލިޔުމުންނެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސީޕީޖޭ އިން ބުނީ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލަންޖެހޭ ކަމަށާއި އަދި ޝަރުއީ ދާއިރާ މެދުވެރިކޮށް އެ ނޫހާ މެދު ހިންގަމުންދާ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އައިއެފްޖޭއިން ބުނީ ދެ ނޫސްވެރިން ޖަލަށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.




