ބައެއް ރަށްރަށުގައި، ދަނޑުވެރިކަންކުރާ ސަރަހައްދުތަކުގައި އެތައް އަހަރެއް ވަންދެން ބިދޭސީން ފިލައިގެން އުޅޭކަން ފާހަގަވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ތިން ވަނަ މަރުހަލާގައި ކުރާނެ މަސައްކަތަކީ ގަވައިދާ ހިލާފު މަސައްކަތްކުރާ ބިދޭސީން ހޯދުން ކަމަށެވެ.
އެގޮތުން ފުރަތަމަ ފޭސްގައި ބަޔޯމެޓްރިކްސް ނަގައި ދެވަނަ ފޭސްގައި ވެސް މައުލޫމާތު އެއްކުރުމުގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި އެ މީހުން ގަވައިދަށް ވަނުމަށް ފުރުސަތެއް ދިނީ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން ފާހަގަވި ކަމެއްގެ ގޮތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ބިންބޮޑު ރަށްރަށުގައި، ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑުތަކުގައި ބިދޭސީން ފިލައިގެން އުޅޭ ކަމަށެވެ.
”ލ. އަތޮޅު ގަން ކަހަލަ، ކ. ކާށިދޫ ކަހަލަ އއ. ތޮއްޑޫ ކަހަލަ މިފަދަ ރަށްރަށުގައި ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރޭގައި އެތަނުން ނުނިކުމެ، އެ ދަނޑުތަކުގެ ތެރޭގައި ފިލައި އުޅޭތާ އެތައް އަހަރެއް ވެފައި ތިބި މީހުން އުޅޭކަން ފާހަގަވި،“ ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.




