ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް ”އަދަދު“ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޕީޖީން އަންގައިގެން ފުލުހުން ކުރި ތަހުގީގަކަށްފަހު، އެ ދެ މީހުންގެ މައްޗަށް އެ ދައުވާކުރީ އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސް މުޢިއްޒަށް ތުހުމަތުތަކެއްކޮށް، ޑޮކިއުމެންޓްރީ ހަދާ އެ އާންމުކޮށްފައި ވާތީ ކަމަށް ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުގައި އެ ދެމީހުން ވެސް މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން ތިބީ ހަނެވެ.
މި މައްސަލައިގެ ޝަރީއަތް ފަށަން، މިއަދު 1 ޖެހިއިރު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި ވަނީ ދައުވާތަކާ ގުޅޭ ލިޔެކިއުންތައް ބަދަލުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، ލިޔެކިއުންތައް ދިރާސާކުރަން ދެ މީހުންނަށް ވެސް ދެ ހަފްތާގެ މުއްދަތެއް ދީފައިވެއެވެ.
އެއްކޮށްލައިގެން ކުރިއަށްގެންދާ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ސިއްރުކޮށްފައިވާތީ، ޝަރީއަތުގައި ދެކެވޭ ވާހަކަތައް ރިޕޯޓުކުރުމާއި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން ވަނީ އެ ކޯޓުން ނެރުނު ’ގެގް‘ އަމުރަކުން މަނާކޮށްފައެެވެ.
އަދަދު ނޫހުން މިދިޔަ 28 މާޗުގައި ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފަ އެވެ.
މީގެ އިތުރުން، ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް ވަނީ ޖަލު ހުކުމެއް ވެސް އިއްޔެ އިއްވާފައެވެ.




