ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މީކާއިލްގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކި ފަހަރު މަތިން ދެއްވި ނަސޭހަތަށް އިޖާބަ ނުދެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް ވަނީ މައުޞޫއިން ބޭރުން ވާހަކަނުދެއްކެވުމަށާއި، މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް މީކާއިލްގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް، އެ ނަސޭހަތްތަކަށް އަމަލުނުކުރެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ މީކާއިލްގެ މައިކުގެ އަޑު ކަނޑުވާލައްވާފައެވެ. އޭގެ ފަހުން މީކާއީލް ތަޅުމުގައި އަޑުގަދަ ކުރައްވައި ހެއްދެވުމުން ނަން އިއްވަވައި، ތަޅުމުން ނިކުމެވަޑައިގަތުމަށް އަންގެވިއެވެ.
މެމްބަރުގެ ނަން އިއްވުމާއެކު، މަޖިލީހުގެ ސެކިއުރިޓީން ވަނީ މީކާއިލް ތަޅުމުން ނެރެފައެވެ. މި ހާދިސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.



