ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.
އީސީން ބުނީ، މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނިކަމަށެވެ. އަދި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށްކަމަށް އިލެކްޝަންސް އިން ބުންޏެވެ.
ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށެވެ.



